Wednesday, January 18, 2012

ޑިސްސޯޝިއޭޓިވް އައިޑެންޓިޓީ ޑިސްއޯރޑަރ


ޑިސްސޯޝިއޭޓިވް އައިޑެންޓިޓީ ޑިސްއޯރޑަރ އަކީ މަދުންނަމަވެސް އިންސާނުންނަށްޖެހޭ ނަފްސާނީ ބައްޔެކެވެ. މިބައްޔަށްކިޔާއުޅޭ އަނެއްނަމަކީ "މަލްޓިޕަލް ޕާރސަނަލިޓީ ޑިސްއޯޑަރ'' އެވެ. މިބަލި އެންމެ އާންމުކަމަށްބެލެވެނީ އެމެރިކާގައެވެ.

މިއީ ވަރަށް އާދަޔާޚިލާފު ބައްޔެކެވެ. ބަލިޖެހިފައި ހުންނަމީހާގެ އެކަކަށްވުރެ ގިނަ "އައިޑެންޓިޓީސް" ހުންނާނެއެވެ. އޭނާގެ ހަށިގަނޑުތެރޭގައި އެހެން މީހުންތަކެއް ދިރިއުޅޭފަދައެވެ. މިއިން ކޮންމެ އައިޑެންޓިޓީއެއްގައި ހުންނާނީ ތަފާތުވިސްނުންތަކާއި، ޚިޔާލުތަކެވެ. އަދި ތަފާތު ކަންކަމުގެ ހަނދާންތަކެވެ. މިބަލިޖެހިފައި ހުންނަމީހާގެ ހަށިގަނޑު ބައެއްފަހަރު ކޮންޓްރޯލްކުރަނީ މިއިން ކޮންމެވެސް އައިޑެންޓިޓީއެކެވެ. އަދި މިމުއްދަތުތެރޭގައި ބަލިމީހާގެ އެއްވެސް ހަނދާނެއް ނުހުންނާނެއެވެ.

ބަލީގެ ޢަލާމާތްތައް:-

· އެއްވެސް ގުޅުމެއްނެތް ފުށުއެރުން ގިނަކަންތައްތައް ކުރުމާއި، އެފަދަ ވާހަކަދެއްކުން.

· ބުނެދޭން ނޭނގޭ ގޮތަކަށް ބޮލުގައިރިހުން.

· ވަގުތުއޮޅުން. (މިސާލަކަށް ހަވީރަކީ ހެނދުނުކަމަށް ހީކުރުން)

· އެމީހާގެ އާންމުމިޒާޖު ބަދަލުވުން.

· އާދަޔާޚިލާފަށް ހަނދާން ބަލިވުމާއި ހަނދާންނެތުން.

· އެއްވެސް ސަބަބަކާނުލައި އާދަޔާޚިލާފަށް މާޔޫސްވުން.

· ކުރިންއޭނައަށް ދިމާވެފައިނުވާކަންތަކެއް (ވެފައިވާކަމެއްކަމަށް) ހަނދާނަށްއައުން

· އެއްވެސް ސަބަބަކާނުލައި ރުޅިއައުން.

· އެއްވެސް ސަބަބަކާނުލައި ގިނަގިނައިން ހާސްވުން.

· ކަންތަކާމެދު އާދަޔާޚިލާފަށް ޝައްކާއި ކުށްހީކޮށް ބިރުގަތުން.

މިނޫންވެސް ވަރަށްގިނަ ޢަލާމާތްތައް ވެއެވެ.

ބަލިޖެހުމުގެ ސަބަބުތައް:-

ބަލިޖެހޭ ސަބަބެއްކަމަށް ލަފާކުރެވެނީ ކުޑައިރުލިބިފައިވާ އަނިޔާއަކާގުޅިގެން ލިބޭ ނަފްސާނީގެއްލުމެވެ. މިބަލިޖެހިފައިވާމީހުންގެ ތެރެއިން %94 މީހުންނަކީ ކުޑައިރު ކޮންމެވެސް ގޮތަކަށް ނަހަމަގޮތަކަށް މުޢާމަލާތްކުރެވިފައި(އެބިއުސް) ތިބޭމީހުންނެވެ. ޚާއްސަކޮށް ކުޑައިރު ޖިންސީއަނިޔާލިބިފައިވާ މީހުންނަށް މިބަލިޖެހުމުގެ ފުރުސަތުބޮޑެވެ.

ބަލިޖެހޭގޮތްތައް/ މަރުޙަލާތައް:-

1. ކުޑަކުއްޖާއާ ގާތް ބޮޑުމީހެއްގެފަރާތުން އަނިޔާލިބުން. (މަންމަ، ބައްޕަ ނުވަތަ އެހެންވެސް ބެލެނިވެރިއެއް) ލިބުނު ގެއްލުމުގެ ބޮޑުކަމުން އެކަމުގެ ހަނދާންތައް އެހެން ހަނދާންތަކާ މުޅިންވަކިވެ ވިސްނުމުގެ އަޑިއަށްލެވިފޮރުވުން. (ސަބްކޮންޝަސް ތެރެއަށް)

2. ފޮރުވިފައިއެވާ ހަނދާންތައް އަހަރުތަކަކަށްފަހު ސަބްކޮންޝަސް އިން ނިކުތުން. އެހެން އައިޑެންޓިޓީއެއް ނުވަތަ ވިސްނުމެއްގެގޮތުގައި.

3. އެއް އައިޑެންޓިޓީއެއް ނިކުތުމުގެ ސަބަބުން އެހެން އައިޑެންޓިޓީއެއް ނިކުތުން. ބައެއްފަހަރު މިފަދަ އައިޑެންޓިޓީ ބަލިޖެހިފައިވާމީހާގެ ހަށިގަނޑުގެ ކޮންޓްރޯލްއަތުލައި އެމީހާ ލައްވައި މީހުންނަށް އަނިޔާކުރުމާއި މެރުންފަދަ ކަންތައްކުރުވައެވެ.

4. ހިތްހަމަނުޖެހޭފަދަ ކަމެއްދިމާވާއިރަށް އެއްކަލަ އުފެދުނު އައިޑެންޓިޓީ ދިގުމުއްދަތަކަށް ބަލިމީހާގެ ހަށިގަނޑުގެ ކޮންޓްރޯލުއަތުލުން.

ފަރުވާ:-

"މަލްޓިޕަލް ޕާރސަނަލިޓީ ޑިސްއޯޑަރ (MPD)'' އަށް ދެވޭފަރުވާ ގިނަފަހަރަށް ކާމިޔާބެއް ނުވެއެވެ. ނަމަވެސް ފަރުވާދޭފަރާތްތަކުން ސައިކޯތެރަޕީ ފަދަ ގޮތްތައް ބޭނުންކޮށްގެން ބަލިޖެހިފައިވާ މީހާގެ އިތުރު އައިޑެންޓިޓީތައް އެކަކަށް ހެދޭތޯ މަސައްކަތްކުރެއެވެ.

0 comments:

Post a Comment

 
Design by މުޙައްމަދު އައްޔޫބް