Wednesday, January 18, 2012

.އެކަނިވެރިއަކީމެވެ




ހަނދާން ހުންނަންފެށީއްސުރެ ވެސް އަހަރެން އުޅެ ބޮޑުވެފައިވަނީ ވަރަށް އަބުއި މާޙައުލެއްގައެވެ. ރަށުތެރެއަށް ނިކުމެ އުޅެވޭނީ މަންމަ ނުވަތަ ބައްޕައާއެކުގައެވެ.ރަށުގެ މަގުމަތީގަޔާއި އަތިރިމަތީގައި އުޅޭކުދީންނާ ވާހަކަ ދެއްކުމަކީ ބޮޑު ކުށެކެވެ. ދަސްވެފައިވާ ގޮތުން އެފަދަ ކުދީންނަކީ "ވަކަރުގޭ ކުދިންނެވެ." ގެއަށް ވަދެ ނިކުމެ އުޅުއްވާނީ ރަށުގެ ބޮޑުންނާއި އަތޮޅުގެ އިސް ވެރީންނާއި ސަރުކާރުގެ އިސް ބޭބޭފުޅުންނެވެ. އެހެންކަމުން ގާތްތިމާގެ މީސްމީހުންގެ ގޮތުގައިވެސް ފެނިފައިވަނީ އެމީހުންނެވެ.
ޒަމާނުއްސުރެ ރަށުގެ ވެރިކަން ވާރުތަވަމުން އައި ކިލަގެ ޢާއިލާ ޗޭނުގެ އެންމެހައި ބޮޅުތައް ފަނާވެ ނެތިގޮސް އޭގެ އެންމެ ފަހު ބޮޅުކަމުގައި ބައްޕަ ވެފައިވީކަމުގައިވިޔަސް މަންމަގެ ޢާއިލާ އަކީ ފުޅާ،ބޮޑު ޢާއިލާއެކެވެ.މަންމައާ އެއްބަނޑު އެއްބަފާ ހަތަރު ބެއިންނާ ހަ ބޫނުން ތިބިއިރު މި ދިހަ ވެރިން މިހާރުވަނީ ބާރަގުނައަށް އިތުރުވެ ދެމިގެން ގޮސްފައެވެ.
ހޭލުންތެރިކަން ކުޑަކަމާއި ތަދުމަޑުކަމާއި ފަޤީރުކަމުގެ ތެރެއަށް އިތުރުވެފައިވާ މި އާބާދިގެވިޔާނުދާ ގޯސް އުޅުމުގެ ސަބަބުން މަންމަ ލަދުގަންނާތީއާއި އަހަރެންގެ ތަރުބިއްޔަތާ ބީރަައްޓިހި މިއުޅުމުގެ އަސަރު އަހަންނަށް ކޮށްފާނެތީ މަންމަ ވަނީ މަންމަގެ ޢާއިލާ މީހުންނާ ގުޅުން ކަނޑާލާފައެވެ. ައހަރެންގެ އުމުރުން ބާރަ އަހަރަށް އެޅިތަނާ، ރަށުގައި ބައްޕަ އެކަނިވީކަމުގައިވިޔަސް މަންމަޔާއެކު މާލެ ފޮނުވުމުގެ އެންމެ މައިގަނޑު ސަބަބަކީވެސް މަންމަގެ ޢާއިލާގައި އެތިބަ ވިޔާނުދާ ކުދިންގެ ކިބައިން އަހރެން ސަލާމަތް ކުރުމެވެ.
ތަޢުލީމީގޮތުން ފުންނާބު އުސްަ، ޢިއްޒަތާއި ޤަދަރުވެރިކަމުގެ ތަރުބިއްޔަތުން ތަރުބިއްޔަތު ލިބިފައިވާ ދަރިއަކަށް ހެދުމަށްޓަކައި މަންމަައާއި ބައްޕަ ކުރަމުން އައި ބުރަ މަސައްކަތުގެ އަގު އަދާކޮށް ދިނުމަށް ކުރެވުނުހާ މަސައްކަތެއް ކުރީމެވެ. ނަތީޖާއަކަށްވީ ގުރޭޑު 12 ނިންމި ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުކަމުގައި ވުމެވެ. އެހެންކަމުން ދާދި އަވަހަށް، އެންމެ ކިޔަވާހިތްވި ދާއިރާއިން ކިޔެވުމުގެ ފުރުޞަތު އޮސްޓްރޭލިޔާ ގެ ޔުނިވާރސިޓީ އޮފް ކުއީންސްލޭންޑުން ލިބުނެވެ. ޕޮލިޓިކަލް ސައިންސުގެ ރޮގުން ޕީ.އެޗް.ޑީ ޙާޞިލު ކުރުމަށްފަހު އެނބުރި ރާއްޖެ އައީ އެއަށްވުރެ ފަޚުރުވެރި ކާމިޔާބީއަކާވެސް އެކުގައެވެ. އާދެ،ސިޔާސީ ރޮނގުން މަގު ދައްކައިދޭނޭ ޙަޔާތުގެ ބައިވެރިއެއްވެސް ގޮވައިގެންނެވެ. ދިވެހި ސިޔާސީ ޖައްވުގައި އެންމެ އަލިގަދަކޮށް ފިޔަ ޖަހާނޭ ތަރިިއަކަށް ވުމުގެ ފޮނިި އުއްމީދުގައި ރާއްޖެ އައިސް މާލޭގައި ދިރި އުޅެން ފެށީމެވެ. ސަރު ކާރަށް ވަދެ މަސައްކަތް ކުރަން ފެށުމުން ސަރުކާރުގެ އިސްވެރިންގެ މަޤުބޫލުކަން ނިހާޔަތަށް ލިބިގެނދިޔައެވެ. އެހެންކަމުން މަޤާމުގެ ކުރި އެރުންވެސް ލިބިގެން ދިޔައީ ނުހަނު ހަލުވިކޮށެވެ.
ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ރައިއްޔަތުންގެ މަޖުލިހުގެ ރަށު ދާއިރާއަށް ކުރިމަތިލީ، ދާއިރާއަށް ކުރިމަތިލީ މީހުންގެ ތެރެއިން ހޮވޭނެކަމާމެދު ކުޑަވެސް ޝައްކެއް ނެތިއެވެ. ސަބަބަކީ އިންތިޚާބުގައި ދެން ވާދަކުރި އެކަކީވެސް ތަޢުލީމީ ގޮތުންނާއި މަޤާމުގެގޮތުން، ޙަސަބާއި ނަސަބުގެ ގޮތުން.ައދި ކިއެއްތަ ހައިބަތާއިރިވެތިކަމުގެ ގޮތުންބެލިކަމުގައި ވިޔަސް އަހަންނާ ވާދަކުރެވޭވަރަށްވުރެ މާދުރުގައިވާބަޔަކަށްވީކަމެވެ.
އިންތިޚާބުން ކާމިޔާބު ހޯދުމަށްޓަކައި ކެމްޕެއިންކުރުމަށް ރަށަށް ގޮސް ރަށުގެ ރައިއްޔަތުންނާއި ކުރިމަތިލުންވީ ފުދޭވަރެއްގެ ދަތި އުނދަގޫ ކަމަކަށެވެ. އެހެންކަމުން މައިންބަފައިންގެ ރައްޓިހި ބައެއްމީހުންނާއި މިކަމަށް ހިތްވަރުދިން ސަރުކާރުގެ ބައެއް ބޭފުޅުން ކެމްޕެއިން ކުރަން އޭޖެންޓުންގެ ގޮތުގައި ފޮނުވީމެވެ. އިންތިޚާބަށް ގިނަ ޢަދަދެއްގެ ފައިސާވެސް ޚަރަދު ކުރީމެވެ. އަހަރެންގެ ރީތިކަމުގެ ޖާދޫގައި ގިނަ ބަޔަކު ޖެހޭނޭކަމުގެ ޔަޤީންކަން އޮތްލެއް ބޮޑުކަމުން ގިނަ ައަދަދެއްގެ ފޮޓޯއިން މުޅިރަށުގެ ފާރުތައް ފުރާލީމެވެ. މީހުން އަޑު އަހާހިތްވާ ފަދަ ފަށުއި ޢިބާރާތްތަކުން އެމުނި އެކުލެވިފައިވާ ހިތްގައިމު ސްޕީޗްތައް ރަށުގެ އެކި ހިސާބުތަކުގައި ހެދިފައިވާ ޖަގަހަތަކުގައި ދީ ހެދީމެވެ.
ވަރަށް ވާދަވެރި ކެމްޕެއިންތަކަކަށްފަހު އިންތިޚާބުގެ ނަތީޖާ އަޑުއިވިގެންދިޔައީ ޤަބޫލުކުރަންވެސް ދަތި ގޮތަކަށެވެ. ވާދަކުރި އަށް ކެނޑިޑޭޓުންގެ ލިސްޓުގެއެންމެ ފުލަށް އެންމެ ތިން ވޯޓު ލިބިގެން އަހަރެން ދިޔައިރު މި އިންތިޚާބު ކާމިޔާބުކުރީ ކުޑައިރު ރަށުގެ "ވަކަރުގޭ" ކުދިންގެ ތެރޭގައި ހިމެނުނު،މިހާރުގެ މަސްވެރިޔާ. އަހަރެންގެ ބޮޑުދައިތަގެދަރި އާދަނެވެ. އާދަނަކީ އެކުއްޖެެއްގެ ސަބަބުން އަހަރެންހަލާކުވެދާނެކަމަށް މަންމަ އެންމެ ބިރު ގަތް ކުއްޖާއެވެ.
ޙައިރާންވާންވީ ސަބަބެއް ނެތެވެ .ބޮޑުދައިތަގެ އެތިބަ ދިހަ ކުދީން ކުޑައިރު އެކުދީންގެ މައިންބަފައިންގެ ފަޤީރުކަމާއި ނިކަމެތިކަމުގެ ސަބަބުން މަގުމަތީގައި "އެބައުޅޭ މިބަަުޅޭ" ކުދީންގެ ގޮތުގައި އުޅުނުކަމުގައިވިޔަސް މިއަދު މުޅި ރަށުގެ ބާރު އޮތީ އެމީހުންގެ އަތްދަށުގައެވެ. މިއަދު އެމީހުންނަކީ އެތައް އޮޑި ދޮނިފަހަރަކާއި އެތައް ފިހާރައެއްގެ މިލްކުވެރީންނެވެ. ރަށުގެ އެންމެހައި ޒުވާނުންގެ އެކުވެރީންނެވެ. ވޭނާއި ކެކުޅުމުގައި ތިބި ނިކަމެތީންގެ އޯގާތެރި އެހީތެރީންނެވެ. އަޅާލާނެ ވާލެއް ޔާރެއްނެތް އެތައް ޔަތީމަކާއި މިސްކީނެއްގެ މަދަދުޤާރުންނެވެ.އެތައް ކިޔަވާކުއްޖެއްގެ އަހުރަވެތި ބަލަދުވެރީންނެވެ. މުޅިރަށުގެ ރަޢިއްޔަތުންނަށް އުފާވެރިކަމާއި ތިޔާގިކަން ގެނެސްދޭ ޖަމްޢިއްޔާތަކުގެ ޒިންމާދާރު ވެރީންނެވެ. ރަށުގައި ހިމެނޭ އެތައް ޢާއިލާއެއްގެމަންމައެއް ނުވަތަ ބައްޕައެކެވެ. ފިރިއެއް ނުވަތަ އަންބެކެވެ.
އަހަރެންގެ ފަރާތުން މީހަކަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލެވިފައިނުވާ ތާނގައި ދެއްކިފައިވާހާވެސް އެއްޗަކީ ބޮޑާކަމާއި ކިބުރުވެރިކަމެވެ. ތިމާގެކުއްޖަކުވެސް ގެއަށް ވަދެއްޖެއްޔާވެސް މަންމަޔާއި ބައްޕަގެ އިތުރުން އަހަރެންވެސް ލޯ އަޅާލާފައި އެކުއްޖަކު ގެއިން ފޮނުވާލާ ހަނދާން މިއަދު ވެއެވެ.މާލޭގައި އުޅޭއިރު ރަށުގެ މީހަކު ފެނިއްޖެނަމަވެސް އަގައިން ނުބުނާންވެގެން އިސްދަށަށް ޖަހާލާ ހަނދާން މިއަދުވެއެވެ. އެއްފަހަރަކު ޗުއްޓީއެއްގައި ރަށަށް އައިސް އުޅުނުއިރު އަންހެން ކުއްޖަކު ވަރަށް ރީއްޗޭ ބުނެލުމުން ތިޔައީ އަހަރެމެންނާ އަރާ އަރަފޯދިގެންވާ ބައެއް ނޫންކަމަށް ބުނެ އެކުއްޖާ ލަދުގަންނަވާލި ހަނދާންވެސް އެބަހުއްޓެވެ. ބޮޑާކަމާއި ކިބުރުވެރި ކަމުގެ ނަތީޖާއެއްގެ ގޮތުން އަހަރެން ފެއިލްވެފައިވަނީ ހަމައެކަނި ރަޢިއްޔަތުންގެ މަޖުލިހުގެ އިންތިޚާބުގައި އެކަންޏެއް ނޫނެވެ. އެހެނިހެން ވަރަށް ގިނަ އިންތިޚާބުގަޔާއި ކަންތައްތަކުގައިވެސްމެއެވެ.ވަރަށް ގިނަ އެތައް ސަބަބަކާ ހުރެ މުޅި ސިޔާސީ ޙަޔާތުގައިވެސް "ފޮނި"ކަމުގެ ލަޤަބު ލިބިފައިވާ އަހަރެންގެ ހުޅުކޮޅުވެސް ވަނީ ނިވިފައެވެ.
ސިޔާސީ ޙަޔާތް ފެއިލްވެގެން ދިޔަ މި ދަނޑިވަޅުގައި ދިރި އުޅުމުގެ ޙަޔާތްވެސް މިވަނީ ފެއިލްވެގޮސްފައެވެ. ކައިވެންޏަށް ދިހަ އަހަރު ފާއިތުވެ ދިޔަ އިރު ދަރިއެއް ލިބިފައި ނުވާ ތާނގައި ބޭރުން ގެނައި އަނބިމީހާ ވަނީ މަކަރާއި ޙީލަތުން، ލިބުނުހައި ފައިސާއެއއްވެސް ހިފައިގެން ފިލައި ގޮސްފައެވެ. މުސްކުޅިވެ ގައިގެ ބާރު ދެރަވެ، ބަލި އެނދުގައި އެނދުމަތިވެފައިވާ މަންމަޔާއި ބައްޕަ ތިބީ އެމީހުން ބަލަން ޙަވާލުކުރެވުނު "ބަންގާޅީ" އެއްގެ އަނިޔާވެރިކަމުގެ ދަށުގައި ލޮލުން ކަރުނަ އަޅާލައަޅާލައެވެ.މާލޭގައި ކުއްޔަށް ހިފައިގެން އުޅޭ ކޮޓަރިގަނޑުގައި އެކަނި މާއެކަނި އުޅޭ އިރު ޙާލާމެދު ދެރަވެ ލަދުގަނެއެވެ.ލިބުނު ތަޢުލީމާއި އިއްޒަތާއި ޤަދަރުވެރިކަމުން ލިބުނު އުފަލަކީ ކޮބައިބާއޭ ހިތަށް އަރައެވެ.
ޝައްކެއް ނެތެވެ. މާތް ﷲ ތަޢާލާ، އެކަމަކުން މީހަކަށް ދުނިޔެއާއި އާޚިރަތުގައިވެސް ގެއްލުން ނުލިބޭ އެއްވެސް ކަމެއް ނުކުރުމަށް އެކަލާނގެ އަޅުތަކުންގެ މައްޗަށް އަމުރުކުރައްވާފައި ނުވެއެވެ. ބޮޑާކަމާއި ކިބުރުވެރިކަމަކީ އެލާނގެ ވަރަށް ބޮޑަށް ނަޙީ ކުރައްވާފައި ވެއެވެ.

1 comments:

Unknown said...

Is this really about you???

Post a Comment

 
Design by މުޙައްމަދު އައްޔޫބް