Thursday, February 9, 2012

މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންގެ ޢަދަދު މަދުކުރުމަށް އެޅިދާނެ ފިޔަވަޅު ތަކަކީ ކޮބައިހެއްޔެވެ

ތަޢާރަފް
މިއަދު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންގެ ޢަދަދު އިތުރުވަމުން ދިޔުމެވެ. އެހެންކަމުން މަސްތުވާ ތަކެތި ބޭނުންކުރާ ޒުވާނުންގެ ޢަދުދު މަދުކުރުމަށް އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަކީ މިއަދު ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. މިގޮތުން މި ރިޕޯޓަކީ، މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން މަދުކުރުމަށް އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށް ކުރި ދިރާސާއެއްގެ މައްޗަށް އެކުލަވާލެވުނު ރިޕޯޓެކެވެ. މި ރިޕޯޓު އެކުލަވައިލީ 2011ވަނަ އަހަރު ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ފެކަލްޓީ އޮފް އެޑުޔުކޭޝަނުން ހިންގާ ޑިޕްލޮމާއިން ދިވެހި ޓީޗިންގ ގެ ދަރިވަރު ޢާއިޝަތު ނާޖީއެވެ. މިރިޕޯޓިގައި މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން މަދުކުރުމަށްޓަކައި ދީނީގޮތުންހެލުންތެރި ކުރުވުމާއި،އިޖްތިމާޢީ ގޮތުންނާއި،މަސްތުވާ ތަކެއްޗަށްހޭލުންތެރި ކުރުވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް ބަލައިލެވިފައިވާނެއެވެ. މީގެ އިތުރުން މަސްތުވާތަކެތި އެތެރެކުރެވޭ ގޮތްތައް ހުއްޓުވުމާއި ޒުވާނުންނަށް މަސައްކަތާއި ހުނަރު ދަސްކޮށްދިނުމުގެމުހިންމު ކަމުގެ މައްޗަށްވެސް ބަލައިލެވިފައިވާނެއެވެ.
ދީނީ ގޮތުން ހޭލުންތެރި ކުރުން
މިއަދު ރާއްޖޭގައި މަސްތުވާ ތަކެތި ބޭނުންކުރާ 3000 ވުރެގިނަ ޒުވާނުން ތިބިއިރު މީގެތެރެއިން 75އިންސައްތަ ޒުވާނުންނަށް މަސްތުވާތަކެތި ބޭނުން ކުރުމަކީ ދީނީ ގޮތުން ކިހާވަރެއްގެ ކަމެއްކަން ނޭނގެއެވެ. މި ކުދިންގެ ޢާއިލީ ބެކްގްރައުންޑަށް ބެލިކަމުގައި ވިޔަސް ޢާއިލާގެ ތެރޭގައިވެސް ދީނީ ހެލުންތެރިކަން ވަރަށް ކުޑައެވެ. ގޭތެރެއިންވެސް މަސްތުވާތަކެތި ބޭނުން ކުރުމަކީ ޙަރާމްކަމެއްކަން ދުވަހަކުވެސް ބުނެދީފައެއް ނުވެއެވެ. އެހެންކަމުން މަސްތުވާ ތަކެތި ބޭނުން ކުރާ ޒުވާނުން މަދުކުރުމަށްޓަކައި މަސްތުވާ ތަކެތި ބޭނުން ކުރުމަކީ ދީނީގޮތުން ކިހައިވަރެއްގެ ކަމެއްކަމާއި ދީނީގޮތުން އެކަން ޙަރާމް ކުރައްވާފައިވާ ސަބަބުތައް ބުނެދީ، ޒުވާނުންގެ ހިތްތަކަށް އަސަރުކުރާނޭފަދަ ގޮތަކަށް ދީނީގޮތުން ވިސްނައި ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މީގެ އިތުރުން ދީނީ ވާޖިބުތައް ދަސްކޮށްދީ އެކަންކަން އެކުދިންގެ ކިބައިގައި ހަރުލެއްވުމަކީވެސް ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. މިގޮތުން ދަރިވަރުންގެ ދިނީ ޢަޤީދާ މިހާރަށްވުރެ ވަރުގަދަކުރެވި، ދީނި ސިފަތައް ހަރުލެއްވޭނޭ ގޮތަކަށް ތަޢުލީމީ މަންހަޖު ބައްޓަން ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
އިޖްތިމާޢީ ރައްކާތެރިކަން ދިނުން
މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންގެ 75އިންސައްތަ ޒުވާނުންނަކީ އިޖްތިމާޢީ ތަފާތު މައްސަލަތަކުގެ ސަބަބުން މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންނެވެ. މިގޮތުން މަސްތުވާ ތަކެތި ބޭނުންކުރާ އެންމެ ގިނަ ޒުވާނުންނަކީ ޢާއިލާ ރޫޅުމުގެ ސަބަބުން ޅަފަތުގައި ލިބެންވާ ލޯތްބާއި އަޅާލުން ނުލިބުމުން މަސްތުވާތަކެތީގެ ތެރެއަށް ވަދެވިފައިވާ ކުދިންނެވެ.2010ވަނަ ވަނަ އަހަރު ރާއްޖޭގައި 600 އަށްވުރެ ގިނަ ވަރި ކުރެވުނުކަމަށް ޢާއިލާއާބެހޭ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންކަމުން ކައިވެނި ރޫޅޭ ނިސްބަތް މަދުކުރުމަށްޓަކައި ފިޔުވަޅުތަކެއް އަޅަން ޖެހެއެވެ. މައިންބަފައިން ހޭލުންތެރި ކުރުވަން އެބަޖެހެއެވެ.މައިންބަފައިންގެ އަޅާލުން ނުލިބި ތިބޭ މިފަދަ ގިނަ ކުދިންނަކީ ކޮންމެވެސްގޮތަކުން ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން އަނިތާއަކެއް ލިބިފައިވުމުގެ ސަބަބުން ވިސްނުމަށް އުނިކަން ލިބިފައިވާ ކުދިންނެވެ.މިފަދަކުދިން މަސްތުވާ ތަކެތި ބޭނުން ކުރާކަން ފާހަގަކުރެވިފައިވެއެވެ. ރިހެބިލިޓޭޝަން ސެންޓަރުތަކުން ހޯދި މަޢުލޫމާތުތަކުން އެގޭ ގޮތުގައިވެސް އެ ސެންޓަރުތަކުން ފަރުވާދީގެން ރަނގަޅުވުމަށްފަހު ދޫކޮށްލާ ޒުވާނުންނަށް ޢާއިލަގެ ފަރާތުންނާއި މުޖުތަމަޢުގެ ފަރާތުން އެހީތެރިކަން ނުލިބުމުގެ ސަބަބުން އަނެއްކާވެސް މަސްތުވާ ތަކެތި ބޭނުން ކުރަން ފަށައެވެ. އެހެންކަމުން މިގޮތަށް މައިންބަފައިންގެ ލޯތްބާއި އަޅާލުން ނުލިބި މަގުމަތިވެފައިވާ ކުދިންނަށް އިޖްތިމާޢީ ރައްކާތެރިކަން ލިބޭނޭފަދަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސައިދޭން އެބަ ޖެހެއެވެ.
ހޭލުންތެރި ކުރުން
ޒުވާނުން މަސްތުވާތަކެތި ބޭނުންކުރަނީ ޒުވާނުންގެ ތެރޭގައި މަޤްބޫލު މީހަކަށް ވުމަށެވެ. ނުވަތަ އެކުވެރިންނާ ބައިވެރިވެލުމުގެ ގޮތުންނެވެ. އަދި އަޖުމަ ބަލައިލުމުގެ ގޮތުންނެވެ. މިގޮތަށް މިހާ ފަސޭހައިން މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންނާ ބައިވެރިވެލެވެނީ މަސްތުވާ ތަކެއްޗާބެހޭގޮތުން އެކަށީގެންވާ މިންވަރަށް މަޢުލޫމާތު ލިބިފައި ނުވުމުގެ ސަބަބުންނެވެ. ހޭލުތެރިކަން ކުޑަވުމުގެ ސަބަބުންނެވެ. މަސްތުވާ ތަކެތި ބޭނުން ކޮށްފައިވާ 10 ޒުވާނުންނާ ބައްދަލުކޮށް ސުވާލުކޮށް ލުމުން އޭގެތެރެއިން 90އިންސައްތަ ޒުވާނުން ބުނީ ޙަޤީޤަތުގައިވެސްއެމީހުން އެ ބޭނުން ކުރަންފެށުމުގެ ކުރިން އޭގެ ނުރައްކާތެރިކަން އެހާ ބޮޑުވާނޭ ކަމަކަށް ހީވެސް ނުކުރާ ކަމުގައެވެ. އެ މީހުންގެ ރައްޓިހިން މަސްތުވާ ތަކެތި ދީފައި އޭގެ ބާރު އެހާ ގަދަ ނުވާނޭކަމަށާއި ހަމަ ބޭނުންވީމާ ހުއްޓާލެވޭނޭ ކަމަށާއި ސިކުނޑި ހަމަ ޖައްސާލެވޭނޭ ކަމަށް ބުނުމުން އެހައި ފަސޭހައިން ޤަބޫލު ކުރެވުނީ އެހައިވަރަށް މަޢުލޫމާތު ލިބިފައި ނުވުމުގެ ސަބަބުން ކަމަށެވެ. ވީމާ މަސްތުވާ ތަކެތި ބޭނުންކުރާ ޒުވާނުން މަދުކުރުމަށްޓަކައި ޒުވާނުންނަށާއި މުޅި މުޖުތަމަޢަށްވެސް މަސްތުވާ ތަކެއްޗާބެހޭ މަޢުލޫމާތު ދީ ހޭލުންތެރި ކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. މިގޮތުން ޢާންމުން ގިނައިން އެއްވެ އުޅޭ ތަންތާނގައި މަސްތުވާތަކެތީގެ ނުރައްކާތެރިކަން ދައްކުވައިދޭ ލިޔުންތަކާއި ޕޯސްޓަރުތައް ބަހައްޓައިޒުވާނުންނަށް ޤަބޫލު ކުރެވި، އަސަރު ކުރާ ފަދަ ގޮތްގޮތަށް ޕްރޮގްރާމްތައް ހަދައި ގިނަގިނައިން މީޑިއާއިން ދެއްކުމަކީ ހޭލުންތެރި ކުރުވުމުގެ ގޮތުން ކުރެވިދާނެ ކަމެކެވެ.
މަސައްކަތާއި ހުނަރު ދަސްކޮށްދިނުން
މަދުރަސީ ދައުރު ނިމުމަށްފަހު ކުރާނެ މަސައްކަތެއް ނެތި ބޭކާރުވެގެން ތިބުމަކީ ވިޔާނުދާ ޢަމަލު ކުރުމަށް މަގުފަހި ކުރުވާ އެއްސަބަބެވެ.2011 ވަނަ އަހަރު ރާއްޖޭގައި ތިބި ޒުވާނުންގެ އާބާދީގެ30އިންސައްތަ ޒުވާނުން އެއްވެސް ވަޒީފާއެއް ނެތި، އެއްވެސް މަސައްކަތެއް ނެތި އެބަ ތިއްބެވެ. މަސްތުވާ ތަކެތި ބޭނުން ކުރާ ޒުވާނުގެ ތެރެއިން ގިނަ ޒުވާނުންނަށް މަސްތުވާތަކެތީގެ ތެރެއަށް ވަދެވޭ އެއް ސަބަބަކީ މިގޮތަށް ކުރާނެ މަސައްކަތެއް ނެތި އަދާކުރާނެ ވަޒިފާއެއް ނެތި ތިބެންޖެހުމެވެ. އެހެންކަމުން ޒުވާނުންނަށް މަސައްކަތާއި ހުނަރު ދަސްކޮށް ދިނުމާއި މަތީ ތަޢުލީމުގެ ފުރުޞަތު ހޯދައި ދިނުމާއި ވަޒިފާގެ ފުރުޞަތު ހޯދައި ދިނުމަކީ މަސްތުވާ ތަކެތި ބޭނުންކުރުމަށް އެޅިދާނެ ފިޔަވަޅެކެވެ. މިގޮތުން މިއަހަރު ސަރުކާރުން އަލަށް ފެއްޓެވި ހުނަރު ޕްރޮގްރާމަކީ މަސްތުވާ ތަކެތި ބޭނުންކުރާ ޒުވާނުންގެ ޢަދަދު މަދުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
މަސްތުވާ ތަކެތި އެތެރެކުރެވޭ ގޮތްތައް ހުއްޓުވުން
މަސްތުވާ ތަކެތި ބޭނުންކުރާ ޒުވާނުން މަދުކުރުމަށްޓަކައި އަޅަންޖެހޭ އެންމެ މުހިންމު އަނެއް ފިޔަވަޅަކީ މަސްތުވާ ތަކެތި އެތެރެ ކުރެވޭ ގޮތްތައް ހުއްޓުވުމެވެ. ރާއްޖެއަކީ މަސްތުވާ ތަކެތި އުފައްދާ ޤައުމަކަށް ނުވާއިރު އެތަކެތި އެތެރެ ކުރެވޭ މަގުތައް ބަންދު ކުރެވިއްޖެނަމަ މަސްތުވާތަކެތި ހުއްޓުވުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. މިގޮތުން ކަނޑާއި ވައިގެ މަގުން ދަތުރު ކުރާމީހުންނަށް މަސްތުވާތަކެތި އެތެރެ ކުރެވެނީ ޕޯރޓްތަކުގަޔާއި ކަސްޓަމްސްގައި ފާސްކުރަން ތިބޭ ފަރާތްތަކުގެ އިހުމާލުންނެވެ. ނުވަތަ އެފަރާތްތަކުގެ އެހީތެރިކަން ލިބިގެންނެވެ. ވީމާއެފަދަ ފަރާތްތައް ބަލައި އެފަރާތްތަކަށް ހަރުކަށި އަދަބު ދޭން ޖެހެއެވެ.ޗެކިންގެ ކަންތައްތައް ރަނގަޅު ކުރަން ޖެހެއެވެ. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަސްތުވާ ތަކެތީގެ ވިޔަފާރިކުރާ ގިނަ އަދަދެއްގެ މީހުން އެބަތިއްބެވެ.މި މީހުންގެ މަސައްކަތަކީ ހަމައެކަނި އެ އެތެރެކޮށް، މަސްތުވާތަކެތި ބޭނުން ކުރާމީހުންނަށް ވިއްކުމެއްނޫނެވެ. އެމީހުންގެ ވިޔަފާރި ހިންގުމަށްޓަކައި އެކި ގޮތް ގޮތުން ޒުވާނުންނާއި ޅަ ކުދީން އޭގެތެރެއަށް ވައްދަން މަސައްކަތްތަކެއް ކުރަމުންވެސް ގެންދެއެވެ. އެހެންކަމުން މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރާމީހުންނަށް ހަރުކަށި އަދަބުދިނުމީ މަސްތުވާ ތަކެތި ބޭނުންކުރާ ޒުވާނުންގެ ޢަދަދު މަދުކުރުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެކެވެ.

ނިންމުން
މި ދިރާސާއިން އެނގުނުގޮތުގައި މަސްތުވާ ތަކެތި ބޭނުން ކުރާ ޒުވާނުންގެ ޢަދަދު މަދުކުރެވޭނީ ދީނީ ގޮތުން ހޭލުންތެރިކަން އިތުރު ކުރެވިގެންނެވެ.މަސްތުވާތަކެއްޗާމެދު މުޖުތަމަޢު ހޭލުންތެރި ކުރެވިގެންނެވެ.ހަމަ އެހެންމެ ތަފާތު އިޖްތިމާޢީ މައްސަލަތައް ކުރިމަތިވެފައިވާ ކުދިންނަށް އިޖްތިމާޢީ ރައްކާތެރިކަން ލިބޭނޭމަގު ފަހިކުރެވިގެންނެވެ.ޒުވާނުންނަށް މަސައްކަތާއި ހުނަރުވެރިކަން ދަސްކޮށްދީ ވަޒީފާގެ ފުރުޞަތު ލިބިދިނުމަކީވެސް ޒުވާނުން މަސްތުވާ ތަކެއްޗާ ދުރުކުރުވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންގެ ނިސްބަތް މަދު ކުރުމަށްޓަކައި މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުން ހުއްޓުވޭނޭ ގޮތްތަކެއްވެސް ހޯދަން ޖެހެއެވެ.

ލިޔުނީ : އައިޝަތް ނާޖީ

 
Design by މުޙައްމަދު އައްޔޫބް